ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް، ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލަމުން ހައިކޯޓުގެ ބެންޗުން ބުނެފައިވަނީ އެ މައްސަލަ ދިރާސާކުރަމުން އަންނަ އިރު، މައްސަލައާ ގުޅޭގޮތުން އޮޅުންފިލުވާނެ އިތުރުކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ދައުލަތުން އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއަކީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލު ކުރީ މިދިޔަ ޖުލައި މަހުއެވެ. ކްރިމިނަލް ކޯޓުން ބުނީ، އެ ދައުވާތައް ބާތިލު ކުރީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް، އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަކީ ގޯސްކޮށް ހަދާފައިވާ އެއްބަސްވުމަކަށް ވާތީ ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ އެ މައްސަލަތައް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވައިދިނުމަަށެވެ. ދައުލަތުން ހުށަހެޅި އެ ހުށަހެޅުމަށް ތާއީދުކޮށް އަދީބުވެސް ވަނީ އެ ދައުވާތައް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު