އިންސާފު ގާއިމްކުރަން ލިބުމުން ވެސް އަނިޔާގެ ވާހަކަ ދައްކަން ތިބުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއް ފަަހަރު ލިބުމުން ވެސް އިންސާފާއި އަދާލަތު ގާއިމު ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

އަލީ ހުސެއިން އެހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ، ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި އަނިޔާކޮށް ހަސަން އީވާން ނަސީމު މަރާލިތާ މިއަދަށް 17 އަހަރު ފުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން އެކަން ކުށްވެރިކޮށް، އެ ހާދިސާ ހިނގި އިރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުކިޔަމުން ދަނިކޮށެވެ.

އީވާން ނަސީމުގެ މަރާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރިކަން ހައްދު ފަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ ދުވަސް ކަމަށެވެ. އަދި މިއީ އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ، ރާއްޖެ ބަދަލު ކުރަން ނިންމައި ނުކުތް ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހާދިސާއަށްފަހު ވެސް ޖަލުގައި މީހުން ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވާ ކަމަށާއި އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާ ކަމަށެވެ.