ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްވުރެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނިޔާވެރިކަން މިއަދު މާބޮޑު ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެންބަރުކަމުން އެއްފަރާތް ކޮށްފައިވާ ޝުއައިބު އެހެން ވިދާޅުވީ ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި އަނިޔާކޮށް ހަސަން އީވާން ނަސީމު މަރާލިތާ މިއަދަށް 17 އަހަރު ފުރުމާ ގުޅިގެން ރައީސް ނަޝީދު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އަދި އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިންމައި ނުކުތް ދުވަހަކީ ވެސް މިއަދު ކަމަށް ވިދާޅުވި އެވެ.
އެ ޓުވީޓަށް ރައްދު ދެއްވައި ޝުއައިބު މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ އަނިޔާވެރިކަން ރައީސް މައުމޫނަށްވުރެ މިއަދު ބޮޑުވެފައިވާ ކަމަށެވެ.
"މަނިކުފާނަކީ ކަނލާންގެ ކަމަށް ގަބޫލުނުކުރާ މީހަކަށް މަނިކުފާނުގެ ބާރު ފޯރާ ހުރިހާ މުއައްސަސާއަކުން ފުރައްސާރަކޮށް، އަނިޔާކުރަމުން ތިޔަ ގެންދަނީ، އަނިޔާވެރިކަމޭ ވިދާޅުވަން ލަދު ކޮބައިތޯ؟،" ޝުއައިބު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރު ކުރެއްވުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާޅުގައި ފާޑުވިދާޅުވެ އެ މައްސަލައިގައި އުސޫލާ ހިލާފަށް ރައީސް ނަޝީދު ބާރު ފޯރުވަން މައްސައްކަތް ކުރައްވަމުން ގެންދާތީ، އެމަނިކުފާނަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގެން ޝުއައިބު ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވައިފަ އެވެ.
ނަމަވެސް އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުވި ސިޓީގައިވާ ކަންތައްތަކާމެދު ހިތްހަމަ ނުޖެހި، ހަސަން ލަތީފު މަގާމުން ދުރުކޮށްދިނުމަށް އެދި ޝުއައިބުގެ ސިޓީ އެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަނީ ފޮނުވައިފަ އެވެ.
ޝުއައިބު، ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން ޝުއައިބު އެދިފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު