ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާ 1:30 އަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު ގޯސްވެގެން ޒިޔާދާ ނިޔާވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލިއެވެ.

އެއީ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ޝާހުގެ މައްޗަށްކުރި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހުސްވި 2019 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

ނަމަވެސް އޭޕްރީލް އަށެއްގައި މި ހުރިހާ މައްސަލަތަކެއް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މީގެ ކުރިންވެސް މި މައްސަލައިގެ އިސްތިއުނާފު ދެ އަޑުއެހުމެއް ހައިކޯޓުގައި ވަނީ ބާއްވައިފައެވެ. ނަމަވެސް އެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ. އެއީ މި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، މި މައްސަލައިގެ އަޑުއެހުންތައް އާއްމު ނުކޮށް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން އެދިފައި ވާތީއެވެ.