ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލަން ފަށާފައިވަނީ ކުރީ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމަށް ރައީސް ނަޝީދު ނުފޫޒު ފޯރުވައި އެކަމުގައި ރިޝްވަތުގެ ގޮތުގައި ރައީސް ނަޝީދު ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އޭސީސީއަށް މިއަހަރުގެ ފެބްރުއަރީ 13 ގައި ހުށަހެޅި މައްސަލައެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާ ގުޅޭގޮތުން އެކި ފަރާތްތަކަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއް އޭސީސީން ބަލަން ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއްވެސް ހިމެނޭ ކަމަށެވެ. އަދި ރައީސް ނަޝީދާއެކު އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައްވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމުގެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ރިޝްވަތާއި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތަކާ ގުޅިގެން އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނީ، ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވި ކަމަށާއި މިހާރު ޓީއެމްއޭގެ ލޯޔަރަކަށް އުޅެނީ ކުރިން ރައީސް ނަޝީދުގެ ލޯޔަރަކަށް އުޅުއްވި އެމަނިކުފާނުގެ އަރިސް ބޭފުޅޭއް ކަމަށްވާ ޖެރާޑް ޖެންސާ ކަމަށެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއެކު ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށްވެސް ބުނެފައިވެއެވެ.