ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ހިލޭ އެހީގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރާއްޖޭގެ ކޯޓުތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

އެތަކެތި ހަވާލުކޮށްދެއްވީ ޖޭއެސްސީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފުޖީއެވެ.

ޖޭއެސްސީއަށް ހަދިޔާކުރި އެހީއާ ހަވާލުވީ ކޮމިޝަންގެ ރައީސް ހިސާން ހުސައިންއެވެ. އަދި ކޯޓުތަކަށް ހަވާލުކުރި ތަކެއްޗާ ހަވާލުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ފަރާތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ހަދިޔާކޮށްފައިވަނީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓީ އިކުއިޕްމަންޓްތަކާއި އޮފީސް 365 ގެ ލައިސަސްސާއި ކޮމިޝަންގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިއުމަށް ބޭނުންވާ ގިނަ އިކިއުޕްމަންޓްތަކެވެ.

ޖޭއެސްސީން ބުނީ މިއަދު ލިބުނު އެހީގެ ސަބަބުން ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަށާއި ސިންގަލް ޕްލެޓްފޯމެއްގައި ހުރިހާ ކޯޓުތަކެއް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެކޮމިޝަނަށް މަސައްކަތް ކުރުމުގައި މިހާރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކަށް ވަރަށް ބޮޑަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ބަލިމަޑުކަމެއްގައި އަޅާ ފިޔަވަޅެއްގެ ސަބަބުން ޝަރީއަތްތައް ނުހިންގި އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށާއި އެފަދަ ކަންތައްތަކުން އަރައިގަތުމަށް ޖުޑީޝަރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ ދިމާވާ ބަލިމަޑުކަމެއްގެ ތެރޭގައި އަޅާ ފިޔަވަޅެއްގެ ސަބަބުން ޝަރީއަތްތައް ނުހިންގި އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށާއި މިފަދަ ކަންތައްތަކުން އަރައިގަންނަން ޖުޑީޝަރީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

ރަސްމިއްޔާތުގައި އަކީކޯ ފުޖީ ވިދާޅުވީ ކޯޓް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް މުސްތަގުބަލުގައި ވެސް ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޖުޑީޝަރީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން މިހާރުވެސް ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން އިތުރު ހަ ކޮންސަލްޓެންސީ ޕްރޮގްރާމް ކުރިއަށްދާ ކަމަށް ޖޭއެސްސީން ބުންޏެވެ.