ކޮވިޑް-19ގެ ކަންކަމަށް ގާއިމްކުރި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ހިދުމަތް ކުރަމުން އަންނަ މީހުން ކުރަމުންގެންދާ މަސައްކަތުގެ އަގު ވަޒަން ނުކުރިތާ، އެމީހުން ކާއެއްޗެއް ކެއުމުން ވަގަށްގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، އެންއީއޯސީގެ ކެއުމަށް ހަތަރު މަސްދުވަހުގެ ތެރޭގައި 5.9 މިލިޔަން ރުފިޔާ ހަރަދު ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ، އެ މައްސަލައިގައި އެންއީއޯސީ އަށް ބައެއް ފަރާތްތަކުން ފާޑު ކިޔައި ހުތުރު ބަހުން މުހާތަބު ކުރަމުންދާތީ އެކަން ކުށްވެރިކޮށް މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ރޮޒެއިނާ ވިދާޅުވީ 1700 މީހުން ދަރުބާރުގޭގައި މަސައްކަތް ކުރި އިރު އެތައް މަހެއް ވަންދެން އެތައް ސަތޭކަ މީހުންގެ ކެއުމަށް 5.9 މިލިއަން ހަރަދުވުމަކީ ބޮޑު އަދަދެއް ނޫން ކަމަށެވެ.
ދުވާލަކަށް 160 ރުފިޔާ ބޮލަކަށް ނެގީ. މިއުޅެނީ 8000 ރުފިޔާ ނަގައިގެން ރިހާކުރު ދިޔަ ބޯންދީގެންނެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެތައް މަހެއް ވަންދެން އަނބިދަރިންނާއި ދުރުގައި ބުރަކޮށް ދިވެހި ރައްޔިތުންގެ ހިދުމަތުގައި އެތައް މަސައްކަތެއް ކޮށްދިން ބަޔަކަށް ކެއުން ހަމަޖައްސައިދީގެން އެކަމާ ކަންބޮޑުވެގެން ވާހަކަދައްކަން ލަދު ގަންނަންޖެހޭނެ ކަމަށެވެ.
"އެމީހުންކުރި މަސައްކަތުގެ އަގު ވަޒަން ނުކުރިތާ، ކާއެއްޗެއް ކެއިމަ ވަގަށްގޮވުންމީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް، މި އުނދަގޫ ދަތި ވަގުތު ގައުމަށް ހިދުމަތްކޮށް ދޭން ނުކުތް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު ދަންނަވަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު