ގާނޫނީ ސުވާލުތަކެއް އުފެދުމުން، ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އަލަށް އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އިއްޔެ ވަނީ އައްޔަންކޮށްފައިއެވެ.
ޔައުގޫބު އައްޔަންކޮށްފައިވަނީ އެ ކައުންސިލްގެ އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގެ ޕްރޫޑެންޓް ޗާޓާޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ މިއަދު ވަނީ އެމަގާމުން އިސްތިއުފާދެއްވައިފައެވެ.
ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު މުއައްސަސާއެކެވެ. އެހެންކަމުން އެ މުއައްސަސާގެ އިންތިގާލީ ކައުންސިލުގެ މެމްބަރުން ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަސްވަނަ މާއްދާ އާއި އަށްވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ.
ފަސްވަނަ މާއްދާގައި ވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރު ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. އަދި އަށްވަނަ މާއްދާގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެމްބަރުކަން ޔައުގޫބު ގަބޫލުކުރެއްވުމުން، މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށާއި އޭނާ މެންބަރު ކަމުން ވަކިވާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު