އެމްއެމްޕީއާރުސީ ފައިސާތަކަކީ އަނބުރާ ހޯދަންޖެހޭ އަދި ހޯދޭނެ ފައިސާތަކެއް ކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހިމެނޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލުކުރުމާ ގުޅިގެން އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އޮތް އިސްތިއުނާފީ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

އަދީބު ވިދާޅުވީ އެ މައްސަލައިގައި ސަރުކާރަށް އެއްބާރުލުން ދެމުން ގެންދަވާ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް ހަމަ އެގޮތަަށް އެ މައްސަލައިގައި ސަރުކާރަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އެމްއެމްޕިއާރުސީގެ މައްސަލައަކީ ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަކީ އިންސާފު ގާއިމުކުރަންޖެހޭ މައްސަލައެއް ކަމަށާއި އެކަމުގައި މަންފާވި އެތައް ބަޔަކު އެބަތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެމްއެމްޕިއާރުސީގެ ފައިސާއަކީ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ އަދި ހޯދޭނެ ފައިސާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހައިކޯޓުގައި ބޭއްވި މިއަދުގެ އަޑުއެހުމާއެކު މި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ.

ފަނޑިޔާރު ވިދާޅުވީ އިތުރަށް އޮޅުންފިލުވާނެ ކަމެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.