އިންޑިއާއިން އެހެން ގައުމު ތަކަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައި ކުރުމަށް ދަތިވުމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. އިންޑިއާގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން، މިދިޔަ މަހު އިންޑިއާއިން އާ ކޮށްދީފައިވާ ކޯޓާގެ ދަށުން އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ކޯޓާ އާ ކޮށްދީފައިވާކަން އިއުލާން ކޮށްފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެބޭފުޅުން ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިދިޔަ މަހު ބޭއްވި މަޝްވަރާތަކުގައެވެ.

މިއީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ސެކިއުރިޓީ ވަރުގަދަކޮށް، ކޮންސްޓްރަކްޝަން މެޓީރިއަލްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. އެގޮތުން ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަޔާއި ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާ ވެސް ވަނީ އާ ކޮށްދީފަ އެވެ.

އިންޑިއާއިން ކޯޓާ އާކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގެވެ. ކޯޓާ އާކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނަކީ ހިލަ އާއި ހިލަވެއްޔެވެ.