އިންޑިއާގައި ލޮކްޑައުން އަށް ފަހު ސިނަމާތަކުގައި ރިލީޒް ކުރާ ފުރަތަމަ ފިލްމަށް "އިންދޫ ކި ޖަވާނީ" ވެއްޖެއެވެ.

ލީޑްރޯލުން މަޝްހޫރު ބަތަލާ ކިއަރާ އަދްވާނީ ފެނިގެންދާ ފިލްމު އިންދޫ ކި ޖަވާނީ މިއަންނަ އޮކްޓޫބަރު މަހު ސިނަމާތަކުގައި ރިލީޒް ކުރުމަށް ފިލްމުގެ ޓީމުން ވަނީ ނިންމައިފައެވެ. އެގޮތުން ލޮކްޑައުން އަށްފަހު ސިނަމާތަކުގައި ރިލީޒްކުރާ ފުރަތަމަ ފިލްމަށް އެ ފިލްމު ވުމުން އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މިގޮތަށް ރާވަފައި އޮތްނަމަވެސް އެ ފިލްމު ސިނަމާތަކުގައި ރިލީޒް ކުރެވޭނީ އިންޑިއާ ސަރުކާރުން ސިނަމާތައް މިއަންނަ މަހު ހުޅުވާ ނަމަ އެވެ. ސިނަމާތައް ނުހުޅުވައިފި ނަމަ އެ ފިލްމުގެ ޓީމަށް ޖެހޭނީ އޮންލައިންކޮށް ރިލީޒް ކުރާށެވެ.

ކޮވިޑް 19 ގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ސިނަމާތައް ބަންދުކޮށްފައި ހުންނަތާ މިހާރު 5 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮލީވުޑްގެ އެހެން ފިލްމުތައް ވެސް ޖެހުނީ އޮންލައިން ޕްލެޓްފޯމުތަކުގައި ރިލީޒް ކުރާށެވެ.