މިއަހަރުގެ މިހާތަނަށް ރާއްޖެ އައީ ހަތަރު ލައްކަ ފަތުރުވެރިން ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ އިޓަލީ މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 65 ޕަސެންޓް ދަށް އަދަދެެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ އެންމެ 7628 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 94.5 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް 139،338 ފަތުރުވެރިން ރާއްޖެ އައެވެ.

ބެޑް ނައިޓްސް ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 60.2 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިއަހަރު ޓޫރިސްޓް ބެޑް ނައިޓްސްގެ ޖުމްލަ އަދަދަކީ 2،833،560 އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީންނެވެ. އެގައުމުން ޖުމްލަ 45،169 ފަތުރުވެރިން އައިސްފައިވެ އެވެ. ދެން އެންމެ ގިނައިން އައީ އިންޑިއާ އަދި ޗައިނާ އިންނެވެ. އިންޑިއާ އިން 35،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޗައިނާ އިން އައީ 33،939 ފަތުރުވެރިންނެވެ.

ކޮވިޑް 19އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް އެއާލައިންގެ ދަތުރުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި ނަމަވެސް ބައެއް ގައުމުތަކުގެ ބޯޑަރުތައް މިހާރު އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން ގިނަ ފްލައިޓްތަކެއްގެ ޝެޑިއުލް ދަތުރުތައް އަންނަނީ ފަށަމުންނެވެ.