މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން މުރާޖައާކޮށް މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައި އޮތް ނަމަވެސް ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިތުރުން ދުނިޔޭގެ އިގުތިސޯދަށް އައި ހީނަރުކަމާއެކު މިހާރުގެ އަންދާޒާއަކީ އެންމެ ރަނގަޅު ހާލަތުގައިވެސް ދައުލަތުގެ އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހަތް ބިލިއަނަކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.
އިގުތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބެއްކަމުގައި އެބޭފުޅުން ވިދާޅުވަނީ، ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ މަދުވުމާއި ވިޔަފާރިތަކުން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީވެސް ދަށްވުމެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން މުރާޖާކޮށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިރު، ސަރުކާރުން މީގެ ކުރިންވެސް ވަނީ ބަޖެޓު މުރާޖައާ ކުރާނެ ކަމަށް ބުނެފައެވެ. އަދި ޖޫން މަހުގެ ތެރޭގައި ވަނީ ބަޖެޓު މުރާޖާކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ވެސް ކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުން ރިވައިޒްޑް ބަޖެޓު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ނުދެއެވެ.
ކޮވިޑުގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ އިރު، ހަރަދުތައް ކުރަން އަދި މިއަހަރު އިތުރަށް 12 ބިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މިއަހަރުގެ ބަޖެޓް މުރާޖައާކުރަން ނިންމި އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު