"ބަންޓީ އޯރު ބަބްލީ 2" ގެ ޝޫޓިންތައް ރައްކާތެރިކަމާއި އެކު ނިންމާލައިފި ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ލީޑްރޯލުން ސައިފް އަލީ ހާން، ރާނީ މުކަރުޖީ، ސިދާންތު ޗަތަރުވެދީ އަދި ޝަރުވަރީ ފެނިގެންދާ ފިލްމު "ބަންޓީ އޯރު ބަބްލީ 2" ގެ ޝޫޓިންތައް ނިންމާލާފައިވަނީ މަޖާ އަދި ފޯރި ގަދަ ލަވައަކުންނެވެ. އެ ލަވައިގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވަނީ ޔާޝް ރާޖް ފިލްމްސްގެ ސްޓޫޑިއޯއެއްގައެވެ.

ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.

އެގޮތުން ޝޫޓިންތައް ކުރިއަށް ގެންދިޔަ ސެޓްގައި ހަރަކާތްތެރި ވި ހުރިހާ އެންމެން ވަނީ ޝޫޓިންތައް ފެށުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނު މުއްދަތުވެސް ހަމަކޮށްފައެވެ.

ބަންޓީ އޯރު ބަބްލީ 2 ގެ ޑައިރެކްޓަރު ވަރުން ޝަރްމާ ބުނީ ޝޫޓިންތައް ކުރިއަށް ގެންދިޔަ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެވުން ކަމަށެވެ. އަދި ފިލްމުގެ ޓީމުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވެ ޝޫޓިންތައް ނިންމާލެވުމުން ވަރަށް އުފާ ކުރާ ކަމަށް އޭނާ ބުންޏެވެ.