މުމްބާއީގެ ޕާލީ ހިލްގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތުގެ އޮފީސް މިދިޔަ ބުދަ ދުވަހު ތަޅާލި ހާދިސާއަށް ފިލްމެއް ހަދާނެ ކަމަށް ކަންގަނާ ބުނެފިއެވެ.

ކަންގަނާގެ އޮފީސް އިމާރާތުގެ ބައެއް ތަންތަން އުސޫލުތަކާ ހިލާފަށް ހަދާފައިވާ ކަމަށް ބުނެ ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ބުދަ ދުވަހު ތަޅާލުމާ ގުޅިގެން ކަންގަނާ ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ޓުވީޓުތަކެއް ކޮށްފައެވެ.

ކަންގަނާ ބުނީ އޭނާގެ އޮފީސް ގަވައިދާ ހިލާފަށް ތަޅާލި ހާދިސާއަށް ފިލްމެއް ހަދާނެ ކަމަށެވެ. އޭރުން ކުރިއަށް އަންނަން އޮތް ޖީލުތަކަށްވެސް މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީގެ އަސްލު ސިފަ ފެންނާނެ ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާ އަށް ބީއެމްސީން ފޮނުވި ނޯޓިހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަން 24 ގަޑިއިރުގެ ތެރޭގައި ހުސްނުކުރާ ނަމަ ބުދަ ދުވަހު ހެނދުނު އެތަން ތަަޅައިލާނެ ކަމަށެވެ. އެހެންނަމަވެސް ކަންގަނާ ވަނީ އޭނާއަށް އެެއްވެސް ނޯޓިހެއް ނުފޮނުވާ ކަމަށްވެސް ބުނެފައެވެ.

އެހެންނަމަވެސް ކަންގަނާ ވަނީ އޭނާގެ އޮފީސް ހެދި އިމާރާތުގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. ކަންގަނާ ބުނީ އޭނާގެ އޮފީސް ތަޅައިލީ ހަސަދައެއް ފިލުވުމަށް ކަމަށެވެ.