ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސާޖިދު ހާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

އިންޑިއާގެ މޮޑެލެއް ކަމަށްވާ ޕައުލާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އުމުރުން 17 އަހަރުގައި ސާޖިދު އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ. އޭނާ ބުނީ ސާޖިދު އޭނާ ކައިރީ ހުތުރު ވާހަކަދައްކައި، ގައިގައި އަތްލަން މަސައްކަތް ކުރި ކަމަށެވެ.

ސާޖިދު ޑައިރެކްޓްކުރި "ހައުސްފުލް" ފިލްމުން ރޯލެއް ދޭނެ ކަމަށް ބުނެ، ސާޖިދު ކުރިމަތީ ޕައުލާގެ ހެދުމުގެ ޒިބު ކެހުމަށް ބުނި ކަމަށް ޕައުލާ ބުންޏެވެ. ޕައުލާ ބުނީ އޭނާ އެވާހަކަތައް އެއްވެސް މީހަކަށް ހިއްސާ ނުކޮށް ސިއްރުކޮށްގެން އުޅުމުން އެކަމުން ވަރަށް ގިނަ އަސަރުތަކެއް އޭނާއަށް ކުރި ކަމަށެވެ.

ޕައުލާ ވަނީ ސާޖިދު އެފަދަ ގޮތަކަށް އެތައް އަންހެން ކުދިންނަކަށް ޖިންސީ ފުރައްސާރަ ކޮށްފައި ހުންނާނެ ކަމަށް ތުހުމަތުކޮށް ސާޖިދު ޖަލަށް ލުމަށް ގޮވާލައިފައެވެ. ސާޖިދު ޖިންސީ ގޯނާ ކުރާ ކަމަށް މީގެ ކުރިންވެސް ބައެއް ބަތަލާއިންނާއި އިންޑިއާގެ ބައެއް ނޫސްވެރިންވެސް ބުނެފައި ވެއެވެ.