ޚަބަރު

ދިރާގުން ސެމްސަން ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ 5ޖީ ރާއްޖެއަށް ތައާރަފުކޮށްފި

ސެމްސަން ކުންފުނިން އެންމެ ފަހުން މާކެޓަށް ނެރުނު، ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ 5ޖީ ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ދިރާގުން ރާއްޖެއަށް ސެމްސަންގެ ފަހުގެ ފޯނު ތައާރަފުކޮށްފައިވަނީ މިރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރާއި ސެމްސަން ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިރާގުން ވަނީ ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު މިދިޔަ މަހުގެ 22 އިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލައިފައެވެ. އަދި ދިރާގު މެދުވެރިކޮށް އެ ފޯނަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން ހަ މަސް ދުވަސް ވަންދެން 10 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ނޯޓް 20 ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި ނޯޓް 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބޭނެއެވެ.

ގެލެކްސީ ނޯޓް 20ގެ ފޯނުގެ ކުލަތަކަކީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީންއެވެ. ނޯޓް 20 އަލްޓްރާ 5ޖީގެ ކުލަތަކަކީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކެވެ. މި ދެ ފޯނަކީ ވެސް 256 ޖީބީގެ ކެޕޭސިޓީގެ ދެ ފޯނެވެ.

ސެމްސަން މި ދެ ފޯނަކީ ވެސް 5ޖީ ބޭނުންކުރެވޭނޭ ފޯނުތަކެކެވެ. މި ފޯނުތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވާ ޔޫސާސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކެކެވެ. ސެމްސަން އިން ވަނީ މި ދެ ފޯނުގެ ޑިސްޕްލޭ ފުރިހަމަކޮށްފައެވެ. ސެމްސަންގް ގެލެކްސީ ނޯޓް 20ގެ ސްކްރީންގައި 6.7 އިންޗް ހުރެއެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ.

ސެމްސަންގާއެކު ދިރާގުން ޕާޓްނާޝިޕް ހަދާފައިވަނީ 2015 ވަނަ އަހަރުއެވެ.