"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ" އާއި "އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރު" ހޮވުމާއި، މީޑިއާތަކަށް ދެވޭ އެވޯޑު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަހަރު ނުދިނުމަށް ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނާސް އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "މައުލޫމާތު ހާމަކުރުމުގެ ރަންވަނަ" އާއި "އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރު" ހޮވުމުގެ އިތުރުން މިއަހަރު މުޅިން އަލަށް ތައާރަފު ކުރުމަށް ހަމަޖައްސާފައިވާ އެވޯޑު، މައުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ހާއްސަކޮށްގެން ދޭ އެވޯޑުވެސް މިއަހަރު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވެއެވެ. އަދި އަންނަ އަހަރުން ފެށިގެން މި އެވޯޑުތައް ގަވާއިދުން ދެމުން ދާނެ ކަމަށްވެސް އެ އޮފީހުން ބުނެފައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނާސް އޮފީހުން ދޭ މި އެވޯޑަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކޮށް އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމިޝަނުން 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.