ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް އަހަރެއް ތެރޭގައި އާމްދަނިގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން އޮތް ސަލީމުގެ މާލީ ބަޔާނުގައިވާ ގޮތުން، މިދިޔަ އަހަރުގެ މެއި 28 އިން މިއަހަރުގެ މެއި 27 އާހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ކުންފުނީގެ މުސާރައިގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޭގެ އިތުރުން ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑުގެ ފައިދާއިން އެއް މިލިއަން ރުފިޔާ ނަގާފައިވާއިރު ފަށަން ގޭގައި ހުންނަ އުރީދޫ އެންޓަނާގެ މަހު ކުލިިން 180،000 ރުފިޔާ ލިބިފައިވެ އެވެ.

މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ސަލީމުގެ ނަމުގައި މޮރިޝަސް ކޮމާޝަލް ބޭންކުގައި (އެމްސީބީ) ދެ އެކައުންޓެއް އޮވެ އެވެ. އޭގެ ތެރެއިން ކަރަންޓް އެކައުންޓުގައި ހުރީ އެންމެ 858.73 ރުފިޔާ އެވެ. އަދި ސޭވިން އެކައުންޓުގައި ހުރީ 212.74 ރުފިޔާ އެވެ.

ސަލީމު މިލްކިއްޔާތުގައި ހ. ފަށަން ގޭގެ އިތުރުން މެލޭޝިއާ އިން 2012 ވަނަ އަހަރު ގަތް އެޕާޓްމަންޓެއް ހުންނަ ކަމަށް ބަޔާނުގައިވެ އެވެ. އަދި ދެ ޕިކަޕަކާއި ދެ ސައިކަލުގެ އިތުރުން ކާރެއް ވެސް އޮވެ އެވެ.

މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ހަތަރު ކުންފުންޏެއްގައި ސަލީމުގެ ހިއްސާ އޮވެ އެވެ. އެއީ ރެޑްވޭވް ޕްރައިވެޓް ލިމިޓެޑާއި ރެޑްވޭވް ކޮންސްޓްރަކްޝަން އަދި އެވަލޯން ޕްރައިވެޓް ލިމިޓެޑްގެ 97 ޕަސެންޓް ހިއްސާ އާއި އެމްޓީޑީސީގެ 100 ހިއްސާ އެވެ.