ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު މަސްތުވާތަކެތި ބޭނުން ކުރޭތޯ އާއި އޭގެ ވިޔަފާރި ކުރާ މީހުންނާ ގުޅުން ބާއްވައިތޯ ބެލުމަށް މުމްބާއީ ފުލުހުން ތަހުގީގެއް ހިންގާނެ ކަމަށް މަހާރަސްތުރާގެ ހޯމު މިނިސްޓަރު އަނިލް ދޭޝްމުކް ވިދާޅުވެއްޖެ އެވެ.

އިއްޔެ އިންޑިއާގެ މީޑިއާތަކާ ވާހަކަދައްކަވަމުން ހޯމު މިނިސްޓަރު އަނިލް ދޭޝްމުކް ވިދާޅުވީ ކަންގަނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެ މީގެ ކުރިން ކުރެވުނު ތުހުމަތުތަކަކީ ތެދެއްތޯ ބެލުމަށް މުމްބާއީ ފުލުހުން ތަހުގީގެއް ހިންގާނެ ކަމަށެވެ.

2009 ވަނަ އަހަރު އެއިރު ކަންގަނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަޝްހޫރު ބަތަލު އަދީއަޔަން ސުމަން ވަނީ ކަންގަނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ކަންގަނާ ގަދަކަމުން އަދީއަޔަން އަށް މަސްތުވާތަކެތި ދޭން އުޅުނު ކަމަށްވެސް އޭނާ އެއިރު ވަނީ ތުހުމަތު ކޮށްފައެވެ.

ހޯމު މިނިސްޓަރ ދޭޝްމުކް ގެ އެވާހަކަތަކަށް ރައްދުދެމުން ކަންގަނާ ބުނީ، އޭނާ އެވާހަކަތަކަށް ތަބާވަނީ ވަރަށް އުފަލުން ކަމަށެވެ. ކަންގަނާ ވަނީ އޭނާ މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނާއި އެއްވެސް ގުޅުމެއް އޮތްކަން ސާބިތު ކޮށްދެވިއްޖެނަމަ އަމިއްލަ ކުށް ގަބޫލުކޮށް މުމްބާއީ އަށް ދުވަހަކުވެސް އެނބުރި ނުދާނެ ކަމަށް ބުނެފައެވެ.