ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް ޑރ. މުހައްމަދު އިބްރާހިމް އާއި އަލީ ރަޝީދު ހުސެއިން މިއަދު އައްޔަން ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މި ދެބޭފުޅުން އައްޔަން ކުރައްވާފައިވަނީ އެ ދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސް އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ދެ ބޭފުޅުންނަށް ރުހުން ދެއްވުމުންނެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އަލީ ރަޝީދާއި މުހައްމަދު އިބްރާހިމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މިއަދު އައްޔަންކުރެއްވި އަަލީ ރަޝީދު އެންމެ ފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ގާޒީ ކަމުގެ މަގާމާއި ޑްރަގު ކޯޓުގެ ގާޒީކަން ވެސް އަދާކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު އިބްރާހީމްއަކީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޕްރިމިއާ ޗެމްބާސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކައުންސިލް މެންބަރު ކަމާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޝަރީއާ ކޮމިޓީގެ މެންބަރުކަން އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮގަސްޓް 7، 2010 ގައި ސުޕްރީމް ކޯޓު ގާއިމުކުރެވެންދެން އެކޯޓުގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވީ ރައީސް އޮފީހުން ދެއްވި މައުލޫމާތާ ހިލާފު މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމުން ކަމަށް ވިދާޅުވެއެވެ.

ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރީ، ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ތަސްދީގުކުރެއްވުމުން އައްޔަން ކުރަންޖެހޭ ދެ ފަނޑިޔާރުންގެ މަގާމަށެވެ.

ސުޕްރީމް ކޯޓު ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.