މާލެއިން ތިން ގެއެއް ފާސްކޮށް، 3.301 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 57،550 ރުފިޔާއާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތަކެއްޗާއެކު ދެ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ގަލޮޅުގައި ހުންނަ ގެއަކާއި މާފަންނުގައި ހުންނަ ދެ ގެއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން އިއްޔެ 18:15 ހާއިރު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މި އޮޕަރޭޝަންގައި މާފަންނުން ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 84 ދަޅު، ރަބަރު ޕެކެޓެއް، ޖޫސްޕެޓީ ދެ ކޮތަޅު އަދި 2،750 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަނެއް ގެއިން ފެނިފައިވަނީ 54،800 ރުފިޔާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ގަލޮޅުން ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ތިން ދަޅުގެ އިތުރުން ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހޯދައިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 3.301 ކިލޯގްރާމު ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުުހުން ބުނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް