ލައިފް ސްޓައިލް

ނިދަން އުނދަގޫ ވަނީތަ؟ ބައެއް ސަބަބުތައް

އީމާ މުހައްމަދު ވަހީދު

ނިދަން އުނދަގޫވުމަކީ ނުވަތަ ފަސޭހައިން ނުނިދުމަކީ ގިނަ ބަޔަކު ކުރިމަތި ލާން ޖެހޭ ކަމެކެވެ. މުޅި ދުވަހު އެކި މަސައްކަތްތަކުގައި ބުރަކޮށް އުޅެފައި ރޭގަނޑު ގެޔަށް އައިސް ވަރުބަލިކަން ފިލުވައިލުމަށް އަވަހަށް ނިދައިލުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް ބައެއް މީހުންނަށް ނިދެނީ އެނދުގައި އެތައް ގަަޑިއިރެއް ވަންދެން އޮވެގެން ނިދޭތޯ މަސައްކަތް ކުރާ ފަހުންނެވެ. އަހަރެމެންނަށް ފަސޭހައިން ނުނިދެނީ ނުވަތަ ނިދަން އުނދަގޫ ވަނީވެސް ދިރިއުޅުމުގެ ކަންކަން ރާވާފައި ހުންނަ ގޮތުންނެވެ. ނުވަތަ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުންނެވެ.

ބައެއް މީހުންނަކީ ނިދުމުގެ ކުރިން ކަސްރަތު ކޮށް ނުވަތަ ކޮންމެވެސް ވަރަކަށް މަސައްކަތެއް ކޮށްލާ މީހުންނެވެ. ނިދުމުގެ ކުރިން ކުޑަ ތަންކޮޅެއްގައި ހިނގާލުމަކީ މައްސަލައެއް ނޫނެވެ. އެހެންނަަމަވެސް ނިދުމުގެ ކުރިން ހިތަށް އޭގެ އަސަރުކުރާ ބޮޑެތި ކަސްރަތުތައް ކުރުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. ނިދުމުން އަހަރެމެންގެ ހާޓް ރޭޓާއި ހަށިގަނޑުގެ ފިނިހޫނުމިން ވެއްޓޭނެއެވެ. އެހެންނަމަވެސް ކަސްރަތު ކުރުމަކީ އެ ދޭތި މަތިވާ ކަމެކެވެ. އެހެންކަމުން ނިދުމުގެ ކުރިން ކަސްރަތުކޮށް ހެދުމަކީ ފަސޭހައިން ނުނިދެން މެދުވެރިވާ ސަބަބެކެވެ.

އަހަރެމެން ނިދާ ކޮޓަރީގެ ފިނި ހޫނުމިން ހުންނަ މިންވަރަކީ ވެސް އަހަރެމެންގެ ނިދުމަށް އޭގެން އަސަރު ކުރާ ކަމެކެވެ. ނިދާއިރު ހަށިގަނޑަށް ފިނުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މާ ހޫނު ގަދަ ކޮޓަރިއެއްގައި ނިދަން މަސައްކަތް ކުރާނަމަ ނިދަން އުނދަގޫވާނެއެވެ. އެހެންކަމުން ނިދާއިރު ހަށިގަނޑު ފިނިކޮށް ތާޒާކޮށް ބެހެއްޓުމަށްޓަކައި ފެންވެރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނިދާ ކޮޓަރި މާބޮޑަށް ފިނި ވާނަމަ ވެސް ނިދަން އުނދަގޫ ވެދާނެއެވެ. އެހެންކަމުން ނިދާ ކޮޓަރީގެ ފިނި ހޫނުމިނުގެ މިންވަރު ތިބާއަށް އެންމެ ނިދަން ފަސޭހަ ވަރަކަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ނިދާ ކޮޓަރީގެ އަލި މާ ގަދަ ވުމަކީވެސް ނިދަން އުނދަގޫ ވާނެ ކަމެކެވެ. ކޮޓަރީގެ އަލި މާ ގަދަ ނަމަ އަހަރެމެންގެ ލޮލަށް އުނދަގޫ ވާނެއެވެ. އެހެންކަމުން ފަސޭހައިން ނިދަން ބޭނުން ވާނަމަ ކޮޓަރީގެ އަލި ވިހާވެސް ބޮޑަށް މަަޑު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ފަހަރު ރޭގަނޑު ފަސޭހައިން ނުނިދޭ ސަބަބަކަށް އަހަރެމެން ނިދުމުގެ ކުރިން ކާ ކާނާ ވެސް ވެއެވެ. އެގޮތުން ނިދުމުގެ ކުރިން މާ ތެޔޮ ގިނަ ނުވަތަ މާ ކުޅިކޮށް ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން އުނދަގޫތަކެއް ކުރުވާނެއެވެ. އެހެންކަމުން ނިދުމުގެ ކުރިން މޭވާއާއި ތަރުކާރީ ފަދަ ހަށިގަނޑަށް ލުއި އަދި ފައިދާހުރި ލުއި އެއްޗެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނިދާ ގަޑީގައި ދިރިއުޅުމުގެ ކަންކަމާ ވިސްނައި ފިކުރު ހިންގުމަކީވެސް ނިދަން އުނދަގުވާނެ ސަބަބެކެވެ. މަސައްކަތު މާހައުލުގައި ހުންނަ މައްސަލަތަކާއި ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާ ދޭތެރޭ ނިދާ ގަޑީގައި ނުވިސްނަން މަސައްކަތް ކުރާށެވެ. ނިދާ ގަޑީގައި ކަންކަމާއި ވިސްނައި ހާސްވާނަމަ ނިދަން އުނދަގޫ ވާނެއެވެ. އެހެންކަމުން ނިދާ ގަޑީގައި އެއްވެސް ކަމަކާ ނުވިސްނައި ހަމަޖެހިލައިގެން ނިދޭތޯ ބެލުމަކީ ނިދާން ފަސޭހަ ވާނެ ކަމެކެވެ.