ޗެނަލް 13ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން އެ ޗެނަލުން އުޒުރުވެރި ވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗެނަލް 13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ސުވާލު ކުރުމުން ޕްރޮގްރާމަށް ގުޅި މީހަކު ވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އެ ޕްރޮގްރާމަށް ފޯނުން ގުޅި އުމުރުން 47 އަހަރުގެ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ އަންގައިފަ އެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކޮމް އިން ވެސް ބަލަމުން އަންނަ އިރު، އެ މައްސަލައިގައި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފަ އެވެ.
ބައްދަލުވުމަށްފަހު ބްރޯޑްކޮމުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި ޗެނަލް 13 އިން ލިޔުމުން އެ ކޮމިޝަނަސް ޖަވާބުދާރީވާން އަންގައި، ޖަވާބުދާރީ ނުވެއްޖެ ނަމަ ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަައްސަލަ ބަލައި ނިންމާނެ ކަމަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ޗެނަލް 13ގެ ސީއޯއޯ ސަމާހު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ މައްސަލައިގެ ކޮންޓެކްޓް ބައިވެސް ހިމެނޭ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނާތީ، ބްރޯޑްކޮމަށް ޖަވާބުދާރީވާން މި ވަގުތަށް އުޒުރުވެރިވާ ވާހަކަ އަންގާފައިވާނެ ކަމަށެވެ.
"ޖިނާއީ ތަހުގީގެއްގެ މެދުން، ތަހުގީގު ނުނިމެނީސް ބްރޯޑްކޮމް އިން މައްސަލައިގައި ތަހުގީގެއް ހިންގާ ވަކިގޮތެއް ނިންމެވުމަކީ އެއް ކަމަކާމެދު ދެފަހަރަށް ފިޔަވަޅު އެޅުމަށް މަގުފަހިވެދާނެ ކަމަކަށްވާތީ މި މައްސަލައިގައި ފުލުހުން ކުރަމުން އަންނަ ތަހުގީގު ނިމުމުން މެނުވީ ބްރޯޑްކޮމް އަށް ހަމަ މި މައްސަލައިގައި ޖަވާބުދާރީވާން މި ވަގުތަށް ޗެނަލް އިން އަޒުރުވެރިވާ ވާހަކަ މިއަދު އަޅުގަނޑުމެންވާނީ ކޮމިޝަނަށް ދަންނަވާފައި،" ސަމާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ޗެނަލްގެ ބައެއް މުވައްޒަފުންގެ ތަހުގީގު ބަޔާންތައް ވެސް ނަގަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ބަޔާން ނަގަމުން އަންނަނީ މައުލޫމާތު ސާފުކުރަން އެކަނި ކަމަށާއި ވަކި ތުހުމަތެއްގައި ނޫން ކަމަށް ފުލުހުންނާ ހަވާލާދީ ސަމާހު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު