އޮޑިޓާޖެނެރަލް އޮފީހުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ މުއްދަތު މިމަހު 13 އަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަސްކޮށްދީފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ކްރޯ މޯލްޑިވްސް އެލްއެލްޕީއާއެވެ. މީގެ ކުރިންވެސް އެ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ ފަސްކޮށްދީފައެވެ.
އެންމެ ފަހުން ދިން މުއްދަތާއެކު، ރިޕޯޓް ހުށަހަޅަން ޖެހެނީ ހުސްވި އޯގަސްޓް މަހުގެ 31 އަށެވެ. ނަމަވެސް އެ މުއްދަތު މިމަހު 13 އަށް ފަސްކޮށްދިނުމަށް އެދި، ކްރޯ މޯލްޑީވްސް އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވަނީ، މުއްދަތު ހަމަވާން އެއްދުވަހަށް ވެފައި ވަނިކޮށް 30 އޯގަސްޓްގައެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި، މިމަހު 13 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދިނީ އެންމެ ފަހު ފުރުސަތުގެ ގޮތުގަ އެވެ.
ކޮމިޓީއަށް އެ ހުށަހެޅުން ހުށަހަޅުއްވަމުން، މާލިއްޔަތު ކޮމިޓީގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް މުއްދަތު އިތުރު ކުރުމަށް އެ ފަރާތުން ކޮމިޓީއަށް ހުށަހެޅުމުން އެ ދެފަރާތުން އެ މަސައްކަތް އެންމެ ރަނގަޅަށް ނުކުރާކަން ދޭހަވާ ކަމަށެވެ. ނަމަވެސް އެކަމަށް ކޮމިޓީން ދޭނެ އެންމެ ފަހުގެ މުއްދަތެއްގެ ގޮތުގައި މިމަހު 13 އަށް މުއްދަތު އިތުރު ކޮށްދިނުމަށް ހުށަހަޅާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އަންނަ އަހަރު އެ މަސައްކަތް އެފަރާތާ ހަވާލު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މި މައްސަލައަށް ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ ކޮވިޑްގެ ހާއްސަ ހާލަތާއެކު އެ މަސައްކަތުގެ މުއްދަތު މިހާތަނަށް ދެފަހަރެއްގެ މަތީން އިތުރު ކޮށްދީފައިވާ ކަމަށެވެ. އެ ލުއިތަކާއެކުވެސް ތާރީހަށް އެކަން ނުވުމުން މިހާރު މިއޮތް ހާލަތުގައި އިތުރަށް މުއްދަތު އިތުރު ކޮށްދޭން ފެނިވަޑައިނުގަންނަވާ ކަމަށް އިލިޔާސް ވިދާޅުވިއެވެ.
މިހާރު ދީފައިވާ މުއްދަތުގައި އެކަން ނުކޮށް، މުއްދަތު ހަމަވުމުން އެފަރާތަށް އަޅަން ޖެހޭ ފިޔަވަޅެއް އޮންނަ ކަމަށާއި، "މުއްދަތު އަލުން އެކްސްޓެންޑް ކުރުމަކީ އެ ޕެނަލްޓީ މާފުކޮށްދިނުން، މިހާރު މިއީ އިތުރު ފުރުސަތުދޭ ހާލަތެއް ނޫން،" ކަމަށް އިލިޔާސް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ