ސްޓާ ޕްލަސްއިން ގެނެސްދޭ ކަސޯޓީ ޒިންދަގީ ކޭ 2 އަކީ އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ވެގެން ގޮސްފައިވާ ޓީވީ ސީރީޒްއެކެވެ. އެހެންނަމަވެސް މިހާރު މިވަނީ އަންނަ އޮކްޓޫބަރު މަހު ކަސޯޓީ ދެއްކުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައެވެ.

އީ ޓައިމްސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކަސޯޓީގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ މިއަންނަ މަހު ޝޯ ނިންމާލުމުގެ މަސައްކަތްތައް ކުރަމުންނެވެ. ކުރިން އޮތީ ސްޓާ ޕްލަސްއިން އަލަށް ފަށަން އުޅޭ "ސާތު ނިބާނާ ސާތިޔާ" ގެ ސީޒަން 2 ދެއްކުމަށް މިހާރު ކަސޯޓީ ދައްކާ ގަޑި ދިނުމަށްފަހު ކަސޯޓީ އެހެން ގަޑިއެއްގައި ދައްކާ ގޮތަށެވެ. އެހެންނަމަވެސް އިއްޔެ ވަނީ ކަސޯޓީ ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައެވެ.

ކަސޯޓީގައި ބަޖާޖުގެ ރޯލު ކުޅޭ ކަރަން ޕަޓޭލްއާ އީ ޓައިމްސް އިން ސުވާލުކުރުމުން އޭނާ ވަނީ ޝޯ ހުއްޓާލަން އުޅޭ ކަން އޭނާއަށް އެއްވެސް މީހަކު އަންގާފައި ނުވާ ކަމަށް ބުނެފައެވެ. ފިލްމުގެ އެހެން ކާސްޓުން ކުރެން އެހުމުން އެމީހުންވެސް ވަނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.