ޚަބަރު

ސިންގަލް ވިންޑޯ މަޝްރޫއު ހަވާލުކުރި ވެބް ފޮންޓެއިންއާއެކު ވީ އެއްބަސްވުން އުވައިލަން ފިނޭންސުން ނިންމައިފި

އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދެވޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބެލުމަށްފަހު އެއްބަސްވުން އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅުން ހުރި އިދާރާތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ގުޅައިލަން ފެށި 6.7 މިލިއަން ޑޮލަރު މަޝްރޫއު ހަވާލުކޮށްފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓަކީ ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފައިނޭންސްކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން "ވަން" އަށް މައުލޫމާތުދެއްވި ގޮތުގައި ސިންގަލް ވިންޑޯގެ ނިޒާމުގެ ޓާންކީ ކޮންޓްރެކްޓް އެވޯޑުކުރުމުގައި މައްސަލަތަކެއް ހުރިކަމެއް ބައެއް މީޑިއާތަކުގައި މިއަހަރުގެ މާރިޗް މަހު ޝާއިއުކުރެވުނު ހަބަރުތަކާ ގުޅިގެން، ސިންގަލް ވިންޑޯގެ ޓާންކީ ކޮންޓްރެކްޓް އެވޯޑްކުރުމާ ބެހޭ ޕްރޮކިއުމަންޓް މަރުހަލާ ގެންދެވިފައިވާ ގޮތުގެ އެސެސްމަންޓެއް އެ މިނިސްޓްރީ އާއި އޭޑީބީއާ ގުޅިގެން ކުރިއަށް ގެންދެވި ފައިނަލް ކުރެވިފައިވާ ކަމަށެވެ.

"ޕްރޮކިއުމަންޓް އެސަސްމަންޓް ރިޕޯޓްގެ ހޯދުންތަކަށް ބަލައި، މިހާރު އެވޯޑްކުރެވިފައިވާ ސިންގަލްވިންޑޯގެ ޓާންކީ ކޮންޓްރެކްޓާއި ގުޅޭގޮތުން ކުރިއަށްދާނެ ގޮތެއް، އޭޑީބީގެ މަޝްވަރާގެ މަތިން، ދިވެހި ސަރުކާރުން ހުސްވި އޯގަސްޓް މަހު ނިންމައި، މިހާރު ސޮއިކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައި." ޝަނޫން ވިދާޅުވިއެވެ.

އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އޭޑީބީއާއެކު ކުރެވެމުންދާ ކަމަށްވެސް ޝަނޫން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއު ވެބް ފޮއިންޓެއިންއާ ހަވާލުކުރީ މިކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކެއް ހިމެނޭ ޓެކްނިކަލް ކޮމިޓީންނެވެ.