ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ)ގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސޮއިކުރައްވައިފި އެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ހުސެއިން މުހައްމަދުގެ ހަނދާނުގައި މިއަދު ހުޅުވި ތައުޒިޔާގެ ދަފްތަރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މި ހަފްތާ ނިމެންދެން ރަސްމީ ގަޑީގައި އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އާންމުންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ވެސް އެ ދަފްތަރުގައި ސޮއިކޮށްދެއްވުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސެއިން މުހައްމަދުގެ ހަނދާނުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފަ އެވެ.

ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާ އަދި ސިޔާސީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ހުސެއިން މުހައްމަދު އެންމެ ފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާ އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެންބަރުކަން ކުރެއްވި އެވެ.

ހުސެއިން މުހައްމަދަކީ ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާ އަދި ސިޔާސީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، އީޑީސީގެ އެކި މަގާމުތަކުގައްޔާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. މީޑިއާގެ ދާއިރާއަށް ބަލާއިރު، ޓީވީމޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު އޮފް ޕްރޮގްރާމްސް ކަމާއި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަން ކުރެއްވި އެވެ. ދިވެހި ރާއްޖޭގެ އަޑުގައި ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރު ތަކުން ފެށިގެން 2000 ގެ އަހަރު ތަކާއި ހަމަޔަށް ކުރެއްވި އެވެ. އާފަތިސް ނޫހުގެ ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރު ތަކުން ފެށިގެން 2000 ގެ އަހަރުތަކާއި ހަމަޔަށް ކުރެއްވި އެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ 2005 ވަނަ އަހަރު އެވެ.

ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 އިން 2009 އަށް އަދާކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރުކަން 2009 އިން ފެށިގެން 2019 އަށް އަދާކުރައްވައިފަ އެވެ. ހުސެއިން މުހައްމަދަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ވެސް މެންބަރެކެވެ.