ތައުލީމުގެ ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާިއރާގެ މެންބަރު މުހައްމަދު މުންތާޒު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށް، މަޖިލީހުން ފާސްކުރުމަށް ތަޅުމަށް ފޮނުވާފައިވަނިކޮށް، އެ ބިލު އިތުރަށް އިސްލާހު ކުރަންޖެހޭކަމަށް ވިދާޅުވެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވައި ލުމަށް ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ. ތާއީދު ކުރެއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުއްލަތީފެވެ.

އެހުށަހެޅުން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިބި 62 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލީހުގެ ތަޅުމަށް ކޮމިޓީން ބިލް ފޮނުވާފައި ވަނީ، ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހިރައްތިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި، ދިވެހި ބަސް ކިޔަވއިދޭން ވާނެ ކަމަށް ކަނޑައަޅައެވެ.

މި ގާނުނަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީކުރުމާގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިގާނޫނަށް އަމަލު ކުރާއިރު ހިދުމަތުގައި ތިބި މުދައްރިސުން، ގާނޫނަށް އަމަލުކުރަންފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެންނުވާމެ ކަަށާއި، އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމުދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް، ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަމެއް ބެލުމަށްޓަކައި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީ އަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ތައުލީމީ ނިޒާމުގެ ފެންވަރު ހިފަހައްޓައި، ކަށަވަރު ކުރުމަށް ސްކޫލްތަކާއި، ކިޔަވައިދޭ ތަންތަން ހިންގަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފިޔަވަޅު އެޅުމާއި، ތައުލިމީ ނިޒާމުގެ ފެންވަރު ހިފޭއްޓުމުގެ ނިޒާމެއް ގާއިމްކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ޕްރިންސިޕަލުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ ހައްގުތައްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

ކުޑަކުދިންނަށް އުނގައްނައި ދިނުމާގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ވެސް ވަނީ ބިލުގައި ބަޔާންކޮށްފައެވެ.

ރާއްޖޭގައި އުޅޭ، ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ ކުއްޖެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް ހިލޭ ތައުލީމު ހަމަޖައްސަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް، އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލްގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކި ބޭނުންތަކުގައި ސްކޫލަށް ހާޒިރުވާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ރައްކާތެރިކަމުގެ، އަދި ސުލޫކީ ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ އަމިއްލަ ސްކޫލްތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީސްކޫލް ހިންގުމުގެ ގާނުނު އުވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.