ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން ބަލަމުން އަންނަ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް ރިއާ ޗަކަރަބޮޓީ މިއަދު އެންސީބީއަށް ހާޒިރުވާން އަންގައިފިއެވެ.

ސުޝާންތުގެ މަރާ ގުޅިގެން، މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަންތައްތަކެއް ފެންމަތިވުމުން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން ވަނީ އެކަމާ ގުޅޭ ތަހުގީގެއް ފަށައިފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އަދި ސުޝާންތުގެ މެނޭޖަރު ސެމިއުލް މިރަންދާ ހައްޔަރުވެސް ކޮށްފައެވެ.

މިއަދު ހެނދުނު 10:30 ގައި އެންސީބީއަށް ހާޒިރުވުމަށް ރިއާއަށް އަންގާފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރިއާ ހާޒިރުކުރަނީ ސުޝާންތުއަށް މަސްތުވާތެކެތި ދިނުމުގައި ރިއާގެ އެއްވެސް ދައުރެއް ވޭތޯ ބެލުމަށެވެ. އެންސީބީއިން ވަނީ މުމްބާއީ ފުލުހުންނާ އެކު މިއަދު ހެނދުނު ރިއާ ދިރިއުޅޭ ގެޔަށް ގޮސް، އެގެ ބަލައި ފާސްކޮށްފައެވެ.

ޝޯހިކް ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ބައްޕަ އިންދްރަޖީތު ޗަކަރަބޮޓީ ވަނީ ދެން އެމީހުންގެ އަމާޒަކީ އޭނާގެ އަންހެން ދަރިފުޅު ރިއާ ކަމަށްވެސް ބުނެފައެވެ. އިންދްރަޖީތު ބުނީ އިންސާފު ހޯދައިދިނުމުގެ ނަމުގައި އާދައިގެ އާއިލާއެއް ހަލާކުކޮށްލީ ކަމަށެވެ.