މިމަހުގެ 9 ވަނަ ދުވަހު މުމްބާއީ އަށް ދާނެ ކަމަށާއި މީހެއްގެ ބައްޕަގެ ގައިގައި ހިތްވަރު ހުރި ނަމަ އޭނާ މުމްބާއީ އަށް ދިއުން ހުއްޓުވުމަށް ކަންގަނާ ބުނެފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ޕާކިސްތާނުގެ ކަޝްމީރާއި މުމްބާއީ އާއި އަޅައި ކިޔައި ކަންގަނާ ކުރި ޓުވީޓެއްގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ. މީގެ އިތުރުން މުމްބާއީ އަށް ނޭރުމަށް ބުނެ ކަންގަނާ އަށް ވަނީ އިންޒާރުތަކެއް ވެސް ދީފައެވެ.

ލިބެމުންދިޔަ އިންޒާރުތަކާއި އެކުވެސް ކަންގަނާ މިވަނީ އޭނާ މިމަހުގެ 9 ވަނަ ދުވަހު މުމްބާއީ އަށް ދާ ކަމަށް ބުނެފައެވެ. އެގޮތުން ކަންގަނާ ކުރި ޓުވީޓްގައި ބުނީ، ވަރަށް ގިނަ ބަޔަކު މުމްބާއީއަށް ނުދިއުމަށް ބުނެ އިންޒާރު ދެމުންގެންދާތީ މިމަހުގެ 9 ވަނަ ދުވަހު މުމްބާއީ އަށް ދިއުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފުރާ ގަޑިއާއި މުމްބާއީ އަށް ލޭންޑް ކުރާ ގަޑިވެސް އިއުލާން ކުރާނެ ކަމަށާއި މީހެއްގެ ބައްޕަގެ ގައިގައި ހިތްވަރެއް ހުރިއްޔާ އޭނާ ހުއްޓުވަން ވީ ކަމަށެވެ.

އިންޑިއާ ލޮކްޑައުން ކުރި އިރުން ފެށިގެން ކަންގަނާ އުޅެމުން އަންނަނީ އޭނާގެ އާއިލާއާ އެކު މަނާލީގައެވެ.