ވިޔަފާރި

ކުކުޅު ފިހާރައިގެ އާ ޝޯރޫމެއް މަޑުއްވަރީގައި ހުޅުވައިފި

މަރިޔަމް ޝަހުދާ

ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް، އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ޝޯރޫމެއް ރ. މަޑުއްވަރީގައި ހުޅުވައިފިއެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު "ވަން" އަށް ވިދާޅުވީ، "ކުކުޅު ފިހާރަ 6" ގެ ނަމުގައި، މަޑުއްވަރީގައި ޝޯރޫމެއް ހުޅުވީ އިއްޔެ ކަމަށެވެ.

ކުކުޅު ފިހާރައިގެ އެހެން ހުރިހާ ފިހާރަތަކުން ލިބން ހުންނަ ހުރިހާ ބާވަތެއް، އެ ފިހާރައިން ގަންނަން ލިބޭނެ ކަމަށް ވެސް ނަޝާތު ވިދާޅުވިއެވެ. އެ ޝޯރޫމުން ފަސޭހަ ކަމާ އެކު ފިނިކުރި ކާބޯތަކެތި ރ. އަތޮޅުގެ އެހެން ރަށްރަށަށް ފޯރުކޮށްދެވޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.

މަޑުއްވަރީގައި ހުޅުވި ކުކުޅު ފިހާރައިގެ ޝޯރޫމަކީ ރ އަތޮޅުގައި ހުޅުވި ފުރަތަމަ ޝޯރޫމް ނަމަވެސް، އެއީ، އަތޮޅު ތެރޭގައި ހުޅުވި ކުކުޅު ފިހާރައިގެ ތިން ވަނަ ޝޯރޫމެވެ.

މީގެ ކުރިން އައްޑޫ ސިޓީ ހިތަދޫގެ އިތުރުން އއ. ތޮއްޑޫގައި ކުކުޅު ފިހާރައިގެ ޝޯރޫމެއް ހުޅުވާފައިވެއެވެ. އަދި މާލޭގައި ކުކުޅު ފިހާރައިގެ ދެ އައުޓްލެޓެއް ހުޅުވާފައި ހުންނައިރު ހުޅުމާލޭގައި ވެސް މި ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ.

މީގެ އިތުރުންވެސް ކުރިއަށް އޮތްތާގައި އަތޮޅު ތެރޭގައި ކުކުޅު ފިހާރައިގެ އެކި އައުޓްލެޓްތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝާތު ވިދާޅުވިއެވެ.

ކުކުޅު ފިހާރައިން މި ހުރިހާ އައުޓްލެޓްތަކުގައި އެކި ޕްރޮމޯޝަންތައް މިހާތަނަށް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހާރު އެ ފިހާރައިން ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ހިޖުރީ އާ އަހަރާ ދިމާކޮށް ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި މިހާރު ދެ ހަފްތާގެ ނަސީބުވެރިން ހޮވައި، އެ ނަސީބުވެރިންނަށް "ފްރޯޒަން ޕެކް" އިނާމު ހަވާލުކޮށްފައިވެއެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.