ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން( ސީބީއައި) އިން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އަދި ސުޝާންތުގެ މެނޭޖަރު ސެމިއުލް މިރަންދާ އިއްޔެ ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޭބެ ޝޯހިކްގެ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުމެއް ވޭތޯ ބެލުމަށް ތަހުގީގުގެ ބޭނުމަށް މިއަންނަ ހޯމަ ދުވަހު ރިއާ އެންސީބީއަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ. ޝޯހިކް އަދި ސެމިއުލް މިއަދު ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމައިފައެވެ.

އެންސީބީ އިން އިއްޔެ ހެނދުނު ވަނީ ސެންކްރޫޒުގައި ހުންނަ ރިއާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން ސުޝާންތުގެ މެނޭޖަރު ސެމިއުލްގެ ގެ ވެސް ވަނީ އެ އެންސީބީ އިން ބަލައި ފާސްކޮށްފައެވެ. އެ ދެގެ ބަލައި ފާސްކުރި އެންސީބީގެ ފަސް މެންބަރުން ހިމެނޭ ޓީމުން ވަނީ އެ ދެ ގެއިން ލެޕްޓޮޕާއި ހާޑް ޑްރައިވް ފަދަ ތަކެތި ހޯދައިފައެވެ.

އެންސީބީ އިން ޝޯހިކްގެ ވަޓްސްއެޕް މެސެޖްތައް ބެލުމުން ޝޯހިކް ގަނެފައި ހުރި މަސްތުވާތަކެއްޗަށް ފައިސާ ދައްކާފައިވަނީ ރިއާގެ ކްރެޑިޓް ކާޑުން ކަން ވަނީ އެނގިފައެވެ. މީގެ އިތުރުން އެ މަސްތުވާތަކެތި ޝޯހިކްގެ ފަރާތުން ސުޝާންތުގެ މެނޭޖަރު ސެމިއުލްއަށް ސަޕްލައި ކުރާކަންވެސް ވަނީ ފަޅާއަރައިފައެވެ.