ދުނިޔެ

ރާއްޖެ އާއި ރަޝިއާއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން ބަންދުކޮށްފައިވާ ރަޝިއާގެ ބޯޑަރު އަލުން ހުޅުވާލައި، ރާއްޖެއަށް ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ރަޝިއާގެ ނިއުސް އޭޖެންސީއެއް ކަމަށްވާ "ޓަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިތުރުން މިސްރު އަދި ޔޫއޭއީއަށް ވައިގެ ދަތުރުތައް ފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން މިސްރަށް ހަފުތާއަކު ތިން ފްލައިޓު އަދި ރާއްޖެއާއި ޔޫއޭއީއަށް ހަފުތާއަކު ދެ ފްލައިޓް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ މި ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް 19ގެ ސަބަބުން ރަޝިއާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗް މަހު ފަހުކޮޅެވެ. އަދި ރަޝިއާގެ ބޯޑަރުތައް އިންޓަނޭޝަނަލް ޓުއަރިސްޓުންނަށް އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހު އެކެއްގައެވެ. އެގޮތުން މިދިޔަ މަހު އެކަކުން ފެށިގެން އިނގިރޭސިވިލާތާއި ޓެންޒޭނިއާ އަދި ތުރުކީއަށް ރަޝިއާއިން ދަތުރުތައް ފެށިއިރު، ސްވިޒެލެންޑާއި ރަޝިއާއާ ދެމެދު ދަތުރުތައް ފެށީ މިިދިޔަ މަހު 15 ގައެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއިންވެސް ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗް މަހުގެ ފަހުކޮޅެވެ. އަދި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހު 15 ގައެވެ. އެ މަހު ރާއްޖެއަށް އައިސްފައިވަނީ 1،769 ފަތުރުވެރިންނެވެ.