ކޮވިޑަށް ވެކްސިނެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ބައިވެރި ނުވާން އެމެރިކާއިން ނިންމައިފިއެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން އެމެރިކާއިން ނިންމާފައިވަނީ އެއީ ޑަބްލިއުއެޗްއޯ އިން ހިންގާ ޕްރޮގްރާމަކަށް ވެފައި ޑަބްލިއުއެޗްއޯ އާއި މެދު އެއްވެސް އިތުބާރެއް ނެތުމުން ކަމަށް ބުނެފައެވެ.

މިދިޔަ ޖުލައި މަހު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެގައުމުން ޑަބްލިއުއެޗްއޯ އާއި އެކު ހަދާފައިވާ މުއާހަދާތައް އުވާލައި އެޖަމިއްޔާއިން ވަކިވުމަށް ނިންމައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޑަބްލިއުއެޗްއޯ މުރާޖާ ކުރަން ޖެހޭކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އަދި ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ނުފޫޒު ގަދަ ވެފައިވާ ޖަމިއްޔާއެއްގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފައެވެ.

ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ފައްޓާފައިވާ ކޮވިޑް19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ ނުވަތަ ކޮވެކްސް ފްރޮގްރާމްގައި މިހާތަނަށް 150 އަށް ވުރެން ގިނަ ގައުމަކުން ވަނީ ބައިވެރިވެ ބައިނަލްއަގުވާމީ ފެންވަރެއްގައި ކޮވިޑްގެ ވެކްސިނެއް ހޯދުމަށް މަސައްކަތް ފަށައިފައެވެ.

މިޕްރޮގްރާމްގެ ދަށުން އެއް ގައުމު އަނެއް ގައުމަށް ވެކްސިން އުފެއްދުމާއި ވެކްސިން އުފެއްދުމަށް ފަހު ސަޕްލައިކުރުމުގައި އެހީތެރިވެދިނުމުގެ އިތުރުން ބައިވެރިވާ ގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭނެއެވެ.