ރިޕޯޓް

މާމަ ކާފަ ދުވަސް: މާމައާއި ކާފަގެ މަޝްވަރާއާއި ބައިވެރިވުން ހޯދަމާ!

އީމާ މުހައްމަދު ވަހީދު

"މާމަ" އަދި "ކާފަ" މި ދެ ލަފުޒަކީ ކިތަންމެ ކިޔާލަން ފަސޭހަ ދެ ލަފުޒަކަށްވީ ނަމަވެސް، މިއީ އެތައް އިހުސާސްތަކަކާއި ލޯބިން ފުރިގެންވާ ދެ ލަފުޒެވެ. މައިމީހާގެ ލޯތްބާއި އަޅައިލުމާއި ގާތް ކުރާ ވަރަށް ކިރިޔާވެސް އަހަރެމެންނަށް ލޯބި ލިބޭނީ މާމަ ގާތުންނެވެ. ބައްޕަ ނެތް ދުވަހަކުންވެސް ބައްޕަ އަހަރެމެންނަށް ދިން ރައްކާތެރިކަން ދޭނެ ދެވަނަ ފަރާތަކީ ކާފައެވެ. ދިރިއުޅުމުގެ ފަހު ދުވަސްތައް ގުނަމުންދާ އެ ދެވެރިންގެ ހިތުގެ ހިނގުމަކީ އެމީހުންނަށް މާމަ ކާފަ ކިޔާ ދަރިންނެވެ. ފޫހިކަމެއް ނެތި އެ ދަރިންނަށް ހިދުމަތް ކުރާނެއެވެ. އަމިއްލަ ދަރި ގެންގުޅުނު ހާ ލޯބިން މާމަ ކާފަ ކިޔާ ކުދިން ގެންގުޅެން ބޭނުންވާނެއެވެ.

އާދެ، މިއަދަކީ ގައުމީ މާމަ ކާފަ ދުވަހެވެ. ދިރިއުޅުމުގައި އަހަރެމެންނަށް އިހުސާސް ވެސް ނުކޮށްލެވޭ ފަދަ ގިނަ ތަޖުރިބާތަކާއި ފިލާވަޅުތައް ހާސިލުކޮށްގެން ތިބި މާމާ އާއި ކާފަގެ ދުވަހެވެ. މިފަދަ މުނާސަބަތެއްގައި އަހަރެމެންގެ ދިރިއުޅުމުގައި މާމަ އާއި ކާފަގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެންނަށް އިހުސާސް ނުވި ނަމަވެސް އެ ދެވެރިންނަކީ ހަގީގަތުގައި އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ހާއްސަ ދައުރެއް އަދާކުރާ ބައެކެވެ. މާމަ އާއި ކާފަގެ މުހިންމުކަން އަހަރެމެންނަށް އެމީހުން ދުނިޔޭގައި ތިބި ދުވަހު އިހުސާސް ނުވެދާނެއެވެ. އެކަމަކު އެމީހުންގެ ހަގީގީ މުހިންމުކަން އިހުސާސް ވާނީ އެމީހުން ނެތް ދުވަހަކުންނެވެ.

މާމަ އާއި ކާފައަކީ ފަހަރެއްގައި އަހަރެމެން ވަރަށް ނުވަތަ އަހަރެމެންގެ މައިންބަފައިން ވަރަށް ތައުލީމު ހާސިލުކޮށްގެން ތިބި ބަޔަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބިފައިވާ ތަޖުރިބާއަކީ އަހަރެމެން ދެތިން ހަތަރު ފޮތް ހިތުން ދަސްކުރި ނަމަވެސް ނުލިބޭނެ ފަދަ ތަޖުރިބާއެކެވެ. އެމީހުން ދުނިޔެ ދެކެފައިވާ ލޮލަކުން އަހަރެމެންނަށް ދުނިޔެ އަދި ނުފެންނާނެއެވެ. އެހެންކަމުން އަހަރެމެން ދިރިއުޅުމުގައި ނިންމާ މުހިންމު ނިންމުންތަކުގައި ކާފަ އާއި މާމަގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން އެމީހުންނަށް ލިބިފައިވާ ތަޖުރިބާއަށް ބަލާފައި އަހަރެމެންނަށް ރަނގަޅު ގޮތް ބުނެދޭނެއެވެ. މީގެ އިތުރުން އާއިލާގެ ހެވަށް ނިންމާ ނިންމުންތަކުގައިވެސް ކާފައާއި މާމަގެ މަޝްވަރާއާއި ބައިވެރިވުން ހޯދުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެކެވެ. އެފަދަ މުހިންމު ކަންކަމުގައި މާމަ އަދި ކާފަގެ ލަފާ އެހުމުން އެމީހުން އުފާވާނެއެވެ. ދަރިންގެ ދިރިއުޅުމުގައި އެމީހުން މުހިންމުކަން އިހުސާސްވުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ.

މިފަދަ ދުވަހެއްގައި ބައެއް މީހުން އެމީހުންގެ މާމަމެންނާއި ކާފަމެންނާ ދޭތެރޭ ކަންތައް ކުރާ އިހާނެތި ގޮތް ފެނިފައި ހިތްފަޅައިގެން ދާވަރުވެއެވެ. އަހަރެމެންގެ ލޯތްބާއި އަޅައިލުން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދުވަހު މާމަ އަދި ކާފަ އެކަނިވެރި ކޮށްލައި، ޖައްސާ ބިކަ ހާލުގެ ވާހަކަތައް އަޑުއަހަން ކެތް ނުވެއެވެ. ހިތާމައަކީ އަދު ގިނަ މީހުންނަށް މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މާމަ އަދި ކާފަ ބެލުން ވެފައިވަނީ ބޮޑު ބުރައަކަށެވެ. ނުވަތަ ބޮލުގައި ރިހުމަކަށެވެ. ގިނަ ފަހަރަށް ދުނިޔޭގެ އުފާތައް ފަހަތުން ދުވެގެން މާމަ އާއި ކާފަ ބެލުން ހަވާލުކުރަނީ ބޭރު ގައުމަކުން ގެންނަ ނުދަންނަ މަސައްކަތު މީހަކާއެވެ. އިންސާނިއްޔަތުގެ ކަމުގެ ކަންފުޅެއްވެސް ހަމަ ގައިގައި ނެތީއެވެ. އަހަރެމެން ތުއްތު ކުދިންގެ ތިބި ދުވަހު އެދެމީހުން އަހަރެމެން ބަލަން ޖެހިގެން ބޮޑު ބުރައަކަށް ވެގެން ނޫޅެއެވެ. ނޫނީ މާ ބުރަކަމަށް ބުނެ އަހަރެމެން ބަލަން ނުދަންނަ ދުރު މީހަކާ ހަވާލެއް ނުކުރެއެވެ.

ވިސްނައިލަމާ ހިނގާށެވެ. މާމަ ކާފަ ދުވަސަ ފާހަގަކުރަންވީ މީސްމީޑިއާގައި ހިއްސާކުރާ ލިޔުންކޮޅަކުން ނުވަތަ މާމަ އާއި ކާފަގެ ފޮޓޯއަކުން އެކަންޏެއް ނޫނެވެ. އަބަދުވެސް ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް މާމައާއި ކާފަ އާއެކު ވަގުތު ހޭދަކުރަން އާދަކުރާށެވެ. މުސްކުޅިވެ ގައިބާރުދެރަވެފައިވާ އެދެވެރިން އެންމެ ބޮޑަށް ބޭނުންވާނީ އަހަރެމެންގެ ލޯތްބާއި އަޅައިލުމެވެ. އަހަރެމެންގެ ދިރިއުޅުމުގެ ކަންކަމުގައި އެމީހުންވެސް ބައިވެރިކުރާށެވެ. ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރާއިރު މާމަ އަދި ކާފަގެ މަޝްވަރާ ވެސް ހޯދާށެވެ. މާމަ އަދި ކާފަ ބިކަ ހާލުގައި ނުޖައްސައި އެމީހުންނަށް އަޅައިލާ ހިދުމަތް ކޮށްދޭށެވެ.