އަލަށް އައްޔަން ކުރެއްވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. މައުސޫމު އައްޔަންކުރައްވާފައި މިވަނީ ދެވަނަ ފަހަރަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައުސޫމު ޓޫރިޒަމް މިނިސްޓަރުކަމަށް ފުރަތަމަ އައްޔަން ކުރެއްވީ މިމަހު ހަވަނަ ދުވަހުއެވެ. އެފަހަރު މައުސޫމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމުން ވެސް މައުސޫމަށް ރުހުން ދޭން ކޮމިޓީން ފާސްކުރިއެވެ. އަދި ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށްވެސް ފޮނުވިއެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމަށް މައުސޫމުގެ ނަމަށް ވޯޓަށް އަހަން ހަމަޖެހިފައިވަނިކޮށް، އެފަހަރު މައުސޫމުގެ ހުވަޔާ މެދު ގާނޫނީގޮތުން ބައެއް މެންބަރުން ސުވާލުތަކެއް އުފެއްދެވުމުން މައުސޫމަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް ނާހައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވިއެވެ.

ހުވަޔާ މެދު ސުވާލު އުފެއްދެވި މެންބަރުން ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީން އިތުރަށް އެ މައްސަލަ ބެލުމަށްފަހު، ކޮމިޓީން ނިންމީ ޑރ. މައުސޫމް މަގާމުގެ ހުވައި ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން އޭނާ އަލުން މަގާމުގެ ހުވާކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށެވެ.

އެކަމާ ގުޅިގެން ޑރ. މައުސޫމު ވަނީ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި މައުސޫމު އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އަލުން އޭނާ އެމަގާމަށް އައްޔަން ކުރައްވައި، ހުވައި ކުރެއްވުމުން މައުސޫމަށް އަލުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީއެވެ.

މައުސޫމަށް ރުހުން ދޭން ކޮމިޓީން މިރޭ ފާސްކުރީ މިއަދު އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން އެކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސީޓީ އިއްވެވުމަށްފަހު، އިތުރަަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބަހުސް ކުރުމަށްފަހުގައެވެ.

ޑރ. މައުސޫމު ރާއްޖޭގެ ޓޫރިޒަމާ މެދު ކުރައްވާ ތަސައްވުރާ ބެހޭގޮތުން ކޮމިޓީއަށް މައުލޫމާތުދެއްވުމަށް މައުސޫމަށް ދެންނެވުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.