ރާއްޖޭގެ މަސް ލަންކާއަށް އެކްސްޕޯޓް ނުކުރެވުމަކީ، ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަން ޖެހޭ ކަމަށް އެ ގައުމުން ބުނެފައިވާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާނެ މައްސަލަތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެކަމާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ބޭނުންވަނީ އެއަށްވުރެ މާ އަގުބޮޑު ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުން ކަމަށެވެ.

އެއީ މަހުން ލިބޭ އެންމެ ބޮޑު އަގާއި މަންފާ ދިވެހި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖެއިން ލަންކާއަށް ބޭރުކުރާ ހިކި ކަނޑުމަހަކީ މާބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި ލަންކާ އާއި ތައިލެންޑްގެ ބާޒާރަށް މަސް ފޮނުވުމުގެ ބަދަލުގައި އެހެން ބޮޑެތި ބާޒާރުތަކަށް މަސް ފޮނުވުމަކީ މަސްވެރިންނަށް މާބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސްރީލަންކާގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގުތިސޯދު ރަނގަޅުކުރުމަށް މިހާރުގެ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަން ޖެހޭ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނި ވިދާޅުވެފައެވެ.