ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތުގެ ޓުވީޓާ އެކައުންޓުގައި ތިބި ފޮލޯވަރުންގެ އަދަދު ވަރަށް ބޮޑުތަނުން ވެއްޓެން ފަށައިފިއެވެ.

ކަންގަނާ ދިގު ބްރޭކެއް ނެގުމަށް ފަހު ޓުވީޓާއާ އަލުން ގުޅުނު ފަހުން އަދި މަހެއް ނުވެއެވެ. އެހެންނަމަވެސް ޓުވީޓާ އެކައުންޓުގައި ތިބި ފޮލޯވަރުންގެ އަދަދު ބޮޑު ތަނުން މަދުވާން ފެށުމުން ކަންގަނާ ވަނީ އެކަމާ ވަރަށް ބޮޑަށް މާޔޫސްވެ އެވާހަކަ ދައްކައިފައެވެ.

އެގޮތުން ކަންގަނާ ކުރި ޓުވީޓެއްގައި ބުނީ ދުވާލަކު ސާޅީސް ހާހާއި ފަންސާސް ހާހާއި ދެމެދުގެ އަދަދަކަށް ފޮލޯވަރުން މަދުވާ ކަމަށެވެ. އެއީ ކިހިނެއްވާ ކަމެއްކަން ނުވިސްނޭ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ. ކަންގަނާ ބުނީ ފޮލޯވަރުންގެ އަދަދި މަދުވާން މި ފެށީ މިލިއަނަކަށް އަރަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ކަންގަނާ އަކީ ސޯޝަލް މީޑިއާގައި ބޮލީވުޑްގެ ހުތުރު ސިއްރުތައް ފަޅާއަރުވައި އިންޑިއާގެ ސިޔާސީ ދާއިރާގައި ހުންނަ ހިތްހަމަ ނުޖެހޭ ކަންކަމުގެ ވާހަކަ ފާޅުގައި ދައްކާ ފަންނާނެކެވެ. އެގޮތުން ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން ޖެހިލުން ނުވެ ފާޅުގައި ވާހަކަދެއްކި އެކަކީ ކަންގަނާއެވެ.