ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ހުޅުމާލެ ހޮޓާ ގަންނަން އުޅުނު ފަރާތުން އެކަން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ހޮޓާ ވިއްކާލުމަށް ބަޔަކާ މަޝްވަރާކުރެވެމުން ދަނިކޮށް، ކޮވިޑުގެ ހާލަތުގެ ސަބަބުން އެކަން ހުއްޓިފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ، ހޮޓާ ތަރައްގީކުރުމަށް ކުންފުނިތަކާއެކުގައި ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށާއި މި ބަދަލު ގެނައި ނަމަވެސް އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯގެ ހުޅުމާލެ ހޮޓަލަށް އެޗްޑީސީއަށް ދައްކަން ޖެހޭ ހަތަރު މިލިއަން ޑޮލަރު ވެސް މިހާރު "ވޭވް އޮފް" ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހޮޓާ އަޅަން އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން 2018 ވަނަ އަހަރު އެތަން ވިއްކާލަން ނިންމިއެވެ.

އެސްޓީއޯ އިން ޓޫރިޒަމަށް ނުކުންނަން ބޭނުންވެ ހުޅުމާލޭގައި 250 ކޮޓަރީގެ ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ.

ނަމަވެސް މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އަމުރު ވިދާޅުވީ، އެސްޓީއޯއިން ޓޫރިޒަމްގެ ސިނާއަތަށް ނުނިކުތުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި އެ ނިންމުމަށް އަދި ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.