ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތައް އިތުރަށް ފަސްކޮށްދޭން ނިންމާފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން އެޗްޑީއެފްސީން ވަނީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ހައުސިން ސްކީމުގެ ލޯނުތަކަށް ދައްކާ ފައިސާ މާޗު މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އަދި ލޯނުތައް ދެއްކުން ފަސްކޮށްދިން މުއްދަަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ފުޅާކޮށް އިންވެސްޓްކޮށްފައިވާ އެޗްޑީއެފްސީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މޮރެޓޯރިއަމްގެ މުއްދަތު އިތުރު ކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން އެ ކޯޕަރޭޝަނުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެޗްޑީއެފްސީއަކީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިއާގެ 15 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެޗްޑީއެފްސީގެ އިތުރުން ބީއެމްއެލް އާއި އެސްޑީއެފްސީ އަދި ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަހަށް ފަސްކޮށްދިނެވެ. މި ތަންތަނުގެ ތެރެއިން ބީއެމްއެލް އާއި އެސްޑީއެފްސީން ނެގި ލޯނުތައް އިތުރަށް ފަސްކޮށްދޭން މިހާރު ވަނީ ނިންމައިފަ އެވެ.