އޭނާގެ އުމުރަށް ފާޑުކިޔައި މަލާމާތް ކުރި މީހުންނަށް ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ އަދި ބިގްބޮސް 13ގެ ބައިވެރިއެއް ކަމަށްވާ ރަޝްމީ ދެސާއީ ރައްދު ދީފިއެވެ.

ރަޝްމީ އޭނާގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ޕޯސްޓަކަށް އޭނާގެ އުމުރަށް ބަލާފައި މީހުން ފާޑުކިޔައި މަލާމާތް ކުރުމުން ރަޝްމީ ވަނީ ވަރަށް ދުވަހު މަޑުން ހުރެވިއްޖެ ކަމަށް ބުނެ އެމީހުންނަށް ރައްދު ދީފައެވެ.

މަލާމާތް ކުރި މީހުންނަށް ރައްދުދެމުން ރަޝްމީ ވަނީ އެމީހުން އެމީހުންގެ މަންމައާއި ދައްތަމެންނާއި ދޭތެރޭ ވެސް ދެކެނީ އެގޮތަށް ތޯ ސުވާލުކޮށްފައެވެ. އުޅޭ މާހައުލުން ދަސްކުރަނީ ހަމައެކަނި އެކަހަލަ ކަންކަން ތޯވެސް ރަޝްމީ ވަނީ ސުވާލު އުފައްދައިފައެވެ. މީގެ އިތުރުން ރަޝްމީ ވަނީ ލިޔަން އެނގުނަސް ލިޔަންވީ އެއްޗެއް ނޭނގޭ މީހުންނަކީ ހަގީގަތުގައި އެއްވެސް ތައުލީމެއް ލިބިފައި ނުވާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރަޝްމީ ވަނީ މީހުންގެ ލޯތްބާއި ސަޕޯޓް ހޯދައިގެން ސްޓާރަކަށް ވުމަކީ ވަރަށް ބުރަ މަސައްކަތެއް ކަން ފާހަގަކޮށްފައެވެ. ރަޝްމީ މިހާރު ފެނިގެން ދަނީ ކަލާސް ޓީވީން ގެނެސްދޭ "ނާގިން 4" ސީރިއަލްގައި ޝަލާކަގެ ރޯލުންނެވެ.