ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު، އޭނާ ލައްވައި ކުރިން މީހަކު މަސްތުވާތަކެތި ބޭނުން ކުރުވި ކަމަށް ބުނެފިއެވެ.

ރިޕަބްލިކް ޓީވީއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ، "ކެރެކްޓަރ އެކްޓަރ" އެއްގެ ގޮތުގައި އޭނާ ސިފަ ކުރާ މީހަކު ކުރިން އޭނާ ލައްވަައި މަސައްތުވާ ތަކެތިވެސް ބޭނުން ކުރުވި ކަމަށެވެ. ކަންގަނާ ބުނީ ދުބާއީ ފަދަ ތަންތަނުން އަންނަ މީހުންގެ ބައްދަލުވުންތަކަށް އެމީހާ އޭނާ ގެންދާ ކަމަށެވެ. ކަންގަނާ އިތުރަށް ބުނީ އުމުރުން 16 އަހަރުގައި އާއިލާ ދޫކޮށް މުމްބާއީގައި ދައްތައެއްގެ ކައިރީގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާއި ގުޅުމެއް އޮތްކަން މިހާރު ސީބީއައިގެ ތަހުގީގަށް ކޮންމެވެސް ވަރަކަށް އެނގިފައިވާ ވާއިރު، ކަންގަނާ ވަނީ ސުޝާންތު ކަހަލަ އާދައިގެ އަވަށަކުން އައިސް ހުރި މީހަކު މަސްތުވާތެކެތި ބޭނުން ކުރާނެ ކަމަށް ބުނުމުން ގަބޫލުކުރަން ދަތި ކަމަށް ބުނެފައެވެ.

ކަންގަނާ ވަނީ އެ އިންޓަވިއުގައި ބޮލީވުޑް ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި އޮތް މިންވަރާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކައިފައެވެ.