ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުފުޅުން 83 އަހަރުގެ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެމަނިކުފާނު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި މަންމާފުޅު އަދި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ. އަދި ބައްޕާފުޅު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ 14 ދުވަހަށް ހޯމް ކަރަންޓީނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ރައީސް މައުމޫން ވެސް ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ. އަދި ރަހުމަތްތެރިންނާއި ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ކުރެއްވި ދުއާތަކަށް ޝުކުރު އަދާ ކުރައްވައި، އެންމެހާ ނުބައިތަކުން ރައްކާތެރި ކޮށްދެއްވުމަށް ދުއާ ދަންނަވާފައިވެ އެވެ.

ރައީސް މައުމޫންގެ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި، ހެޔޮ ދުއާތައް ފޮނުވަމުންނެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެމަނިކުފާނުގެ ހުރިހާ ދުއާއެއް ވެސް ވަނީ ރައީސް މައުމޫނާ އެކުގައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.