ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންނަށް ކުދި ފަރުވާ ދޭ ހާއްސަ ފެސިލިޓީއެއްގެ ގޮތަށް ތާޖުއްދީން ސްކޫލު ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އެ މަސައްކަތް ކުރާ އެސްޓީއޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ތާޖުއްދީން ސްކޫލް، ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކަކީ އެނދުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. ތާޖުއްދީނުގައި 19 އެނދު ބަހައްޓަން ވަނީ ނިންމައިފައެވެ.

މިމަހުގެ 25 ވަނަ ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަހުމަދު ޝަހީދު ވަނީ ތާޖުއްދީން އަދި ހިރިޔާ ސްކޫލުގައި އޮބްޒަވޭޝަން ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ތާޖުއްދީން ސްކޫލުގައި ގާއިމުކުރާ ފެސިލިޓީ ބޭނުންކުރާނީ ކޮވިޑަށް ޕޮޒިޓިވްވެގެން ހޯމް އައިސޮލޭޝަނުގައި ތިބޭ މީހުންނަށް ކުދި ފަރުވާދޭ ތަނެއްގެ ގޮތުގައެވެ.

މީގެ ކުރިން ވަނީ ކޮވިޑާ ގުޅިގެން އެކި ސަބަބުތަކާ ހެދި ހާލުގައި ޖެހުނު ބައެއް މީހުންނާއި ވަގުތީ ގޮތުން އެކަހެރި ކުރަން ޖެހުނު ބައެއް ބިދޭސީން މާލޭގެ ބައެއް ސްކޫލުތަކުގައި ބައިތިއްބައިފައެވެ. ނަމަވެސް ކޮވިޑް ފަރުވާދޭ ތަނެއްގެ ގޮތުގައި މީގެ ކުރިން ސްކޫލެއް ބޭނުމެއް ނުކުރެއެވެ.

ކޮވިޑް ޖެހިގެން މާލޭ ސަރަހައްދުގައި މިހާރު މީހުން އެޑްމިޓް ކުރަނީ ހުޅުމާލޭގައި ގާއިމުކުރި މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަންޏެވެ. ނަމަވެސް ކޭސްތައް އިތުރުވާ ނަމަ، ސްކޫލުތަކާއި އިތުރު ހޮސްޕިޓަލުތައް ބޭނުންކުރަން ޖެހިދާނެ ކަމަށް މީގެ ކުރިން އެޗްއީއޯސީން ވަނީ ބުނެފައެވެ.

ރާއްޖެއިން 7،000 ވުރެ ގިނަ މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވެއެވެ.