ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރުގެ ކައިވެނި މިއަންނަ އަހަރަށް ފަސްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރިން އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެ ދެތަރިން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ ޑިސެމްބަރު މަހުގައެވެ. އެހެންނަމަވެސް ނުރައްކާތެރި ކޮވިޑް 19 ވައިރަހުގެ ސަބަބުން އާލިއާ އަދި ރަންބީރުގެ ކައިވެނި ވަނީ މިއަންނަ އަހަރަށް ފަސްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕިންކު ވިލާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އާލިއާ އަދި ރަންބީރު އެ ދެމީހުންގެ ކައިވެނި މިއަންނަ އަހަރަށް ފަސްކުރަން ނިންމީ ކޮވިޑްގެ އިތުރުން އެދެމީހުން މިއަހަރު ބޮޑަށް މަސައްކަތަށް ވަގުތު ދޭންވެސް ބޭނުންވާތީއެވެ.

އާލިއާ އަދި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން މީޑިއާތަކުގައި ވަނީ ވަރަށް ގިނަ ވާހަކަތައް ދެކެވިފައެވެ. އެގޮތުން މީގެ ކުރިން ވަނީ އެދެމީހުން މިއަހަރުގެ ޖެނުއަރީ މަހު އިންނަން އުޅުނު ކަމުގެ ވާހަކަތަކެއްވެސް ފެތުރިފައެވެ. އެހެން ނަމަވެސް އާލިއާވެސް އަދި ރަންބީރުވެސް ކައިވެނީގެ ތާރީހާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

އާލިއާ އަދި ރަންބީރު އެކީގައި ފިލްމަކުން ފެނިގެންދާނީ އަޔަން މުކަރުޖީގެ "ބްރަހްމަސްތުރާ" އިންނެވެ. އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ލީޑްރޯލުން ސަންޖޭދަތު އަދި އަދިތުޔާ ރޯއީ ކަޕޫރު ފެނިގެންދާ ފިލްމު "ސަޅަކް 2" އިންނެވެ.