ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލި 41 ބޭފުޅުންނާ އިންޓަވިއުކޮށް، އެ ކޮމިޝަންގެ މެންބަރުކަމަށް ޝަރުތު ފުރިހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ނެތް ކަމަށް އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބުނެފިއެވެ.
ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަން ދިރާސާކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 13 ބޭފުޅެއްގެ ނަން ޝޯޓް ލިސްޓް ކުރުމަށްފަހު އެ ކޮމިޓީން ވަނީ އެކަމުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިނިވަން މުއަައްސަސާތަކުގެ ކޮމިޓީން އެފަރާތްތައް ޝޯޓްލިސްޓު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ ލިސްޓުގައި ހިމެނޭ ކަމަށެވެ.
އެ މައްސަލަ ދިރާސާކުރުމަށްފަހު ރައީސް ނަޝީދަށް އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 63 ވަނަ މައްދާގައި ރައްޔިތުންގެ މަޖިލީހުގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.
"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.02 (ހ) ގައި ކްލޯޒް ރިލޭޓިވް އާއި ކްލޯޒް އެސޯސިއޭޓް" މާނަކޮށްފައިވާ އިރު، ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއްގެ ކްލޯޒް ރިލޭޓިވް އެއް ނުވަތަ ކްލޯޒް އެސޯސިއޭޓެއްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެއް، އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިނުވާކަން،" ސިޓީގައިވެއެވެ.
ސިޓީގައި ވަނީ އެ ކޮމިޓީން ދިރާސާކޮށް ނިންމަވައި، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓުގައި ކޮމިޓީން ތަޅުމަށް ނަން ފޮނުވުމަށް ފާސްކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްލަހަތު އޮތް ފަރާތެއް ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ފާސްކޮށްފައިވަނީ އެކޮމިޓީގެ މިއަހަރުގެ ހަވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ސިޓީގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ބަލަމުން އަންނަ މައްސަލައެއްގައި އެ ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ މެންބަރެއްގެ މަސްލަހަތު ފުށުއެރުން އޮތްކަމަށް ބެލެވޭނަމަ އެކަން ކޮމިޓީއާ ހިއްސާކުރުމަށްފަހު، އެ މެންބަރަކު އަމިއްލަފުޅަށް ކޮމިޓީގެ ބައްދަލުވުމުން ތަނާޒުލުވެވަޑައިގަންނަވަން ވާނެ ކަމަށް ކޮމެޓީގެ ބައްދަލުވުމުން ނިންމަވާފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.
ސީއެސްސީއަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ މައްސަލަ ފުރަތަމަ ބެލުމަށްފަހު ޝަރުތު ހަމަވާކަމަށް ކޮމިޓީން ފުރަތަމަ ޝޯޓްލިސްޓް ކުރީ 15 މީހުންގެ ނަމެވެ. ނަމަވެސް އެއަށްފަހު، އެ ލިސްޓުގައި ހިމެނުނު މަރިޔަމް މުނާ އާއި އަހުމަދު މޫސާގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޓީން ފަހުން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު