މާލެ ޖަލުގެ ކައުންޓަރުން ދެމުން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިކަން އާންމު ކޮށްފައިވަނީ މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ.

އެގޮތުން މާލެ ޖަލުގެ ކައުންޓަރުން ދެމުން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން ކަނޑާލައި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ބައެއް ހިދުމަތްތައް ދިނުމަށް ހަމަޖައްސާފައިވާކަމަށް ކަރެކްޝަންސް އިން ބުނެފައި ވެއެވެ.

ކަރެކްޝަނުން ވަނީ ވީޑިއޯ ކޯލާއި އާއިލީ ބައްދަލުވުންތަކުގެ އިތުރުން ވަކީލުންގެ ބައްދަލުވުންތަކަށް އެދޭ ފޯމު [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ. އަދި ގައިދީންނަށް ފައިސާ ފޮނުވުމުގެ ހިދުމަތްވެސް އޮންލައިންކޮށް ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ގައިދީންނަށް އަންނައުނު ފޮނުވުން ބަލައިގަތުން ދެން ކުރިއަށް ދާނީ ގާޒީ ބިލްޑިންގައި ހުންނަ ކަރެކްޝަންސްގެ ހެޑް އޮފީހުން ކަމަށް ކަރެކްޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު 10:00 އާއި 14:00 އާއި ދެމެދު ޓޯކަން ދޫކުރާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. ކަރެކްޝަނުން ވަނީ ކޮންމެ ދުވަހަކު ދޫކުރާނީ 20 ޓޯކަން ނަންބަރު ކަމަށެވެ.

މީގެ އިތުރުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އާއި 14:00 އާއި ދެމެދު އެ ސާވިސްގެ ހޮޓްލައިން ނަންބަރު 3312694 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

މިމަހުގެ ތެރޭ މާލޭ ޖަލުގެ އޮފިސަރަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މިކަމާ ގުޅިގެން ކަރެކްޝަނުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އޮފިސަރަކީ ގައިދީންނާ އެއްވެސް ކޮންޓެކްޓެއް ވެފައިވާ އޮފިސަރެއް ނޫން ކަމަށާއި އޭނާގެ ކޮންޓެކްޓުން ކަމަށް ބެލެވޭ އޮފިސަރުން އެޗްޕީއޭގެ އިރުޝާދުގެ މަތިން ކަރަންޓީނު ކުރެވިފައިވާ ކަމަށް ބުނެފައެވެ.