ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާން އަންނަނީ މިދުވަސްކޮޅު އޭނާގެ ފޭނުންނަށް ގާތްގާތްކޮށް އުފާވެރި ހަބަރުތައް ދެމުންނެވެ. އެގޮތުން މީގެ ދެތިން ހަފުތާއެއްހާ ދުވަސްކުރިން ސައިފް ވަނީ އޭނާއަށާއި އަންހެނުން ކަރީނާ ކަޕޫރަށް ދެވަނަ ދަރިޔަކު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އެ އުފާވެރި ހަބަރަށްފަހު ސައިފް މިވަނީ އެނެއްކާވެސް އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދީފައެވެ.

ސައިފް އީ ޓައިމްސްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވަނީ އޭނާ އަމިއްލައަށް އަމިއްލަ ދިރިއުޅުމަށް އޮޓޯ ބަޔޯގްރަފީއެއް ލިޔަން ވިސްނާ ކަމަށް ބުނެފައެވެ. މިއަންނަ އަހަރު ޗާޕުކޮށް ނެރެން ހަމަޖެހިފައިވާ އެ ފޮތުގައި ސައިފްގެ އާއިލާ އާއި ފިލްމީ ހަޔާތާއި ޒާތީ ދިރިއުޅުމާއި ގެޔާއި އަދި ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކާ ބެހޭގޮތުން ލިޔާނެއެވެ.

ފިލްމީތަރިޔަކު ލިޔުންތެރިއަކަށް ބަދަލުވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސައިފް ބުނީ ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށާއި، ކުރިޔާލައި ނުލިޔާ ނަމަ އެކަންކަން ވަގުތާއެކު ނެތިގެން ދާނެ ކަމަށެވެ. ސައިފް ބުނީ ލިޔުމަކީ އޭނާ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެހެން މީހުންނަށްވެސް އޭނާގެ އެ ފޮތް ނެރުމުން ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސައިފް އަދި ކަރީނާ ދެވަނަ ދަރިޔަކަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާއިރު، އެދެމީހުންގެ އާއިލާ އަދި ސަޕޯޓަރުން އަންނަނީ އެމީހުންނަށް ތަހުނިޔާ ކިޔަމުންނެވެ. ސައިފް އަލީ ހާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖަވާނީ ޖާނެމަން" އިންނެވެ.