މިމަހުގެ ކުރީކޮޅު ފުއްޕާމެއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނު ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު ބައްޔަށް ފަރުވާ ކުރުމަށް ޔޫއެސްއަށް ފުރުމަށް ތައްޔާރު ވެއްޖެއެވެ.

ފުއްޕާމޭގެ ކެންސަރު ޖެހުނު ކަން އެނގުނު ހިސާބުން ސަންޖޭ ވަނީ ވިސާއަށް ލައިފައެވެ. އެހެންނަމަވެސް ވިސާ ހޯދުމަށް ސަންޖޭއަށް އުނދަގޫތަކާ ކުރިމަތިވުމުން އޭނާގެ ރައްޓެއްސަކު ވަނީ 5 އަހަރުގެ މެޑިކަލް ވިސާ ހޯދައިދީފައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭ އޭނާގެ އަންހެނުން މާނަޔަތާ އަދި ދައްތަ ޕްރިޔާއާ އެކު ވަރަށް އަވަހަށް ނިއުޔޯކަށް ފުރާނެ އެވެ.

ސަންޖޭ ފަރުވާ ހޯދަން ހަމަޖެހިފައިވާ ކެންސަރ ސެންޓަރުން އޭނާގެ މަންމަ ނަރުގިސް ވަނީ 1980 އަދި 1981 ވަނަ އަހަރު ކެންސަރަށް ފަރުވާ ހޯދައިފައެވެ. ސަންޖޭގެ މަންމަގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިޝީ ކަޕޫރު ވެސް ފަރުވާ ހޯދާފައިވަނީ އެ ސެންޓަރުންނެވެ.

ސަންޖޭ ކުރިން ވަނީ ޔޫއެސްއަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ ސިންގަޕޫރަށް ދިއުމަށް ވެސް ތައްޔާރު ވެފައެވެ. އެހެންނަަމަވެސް ޔޫއެސްއަށް ދިއުމުގައި އެއްވެސް ދަތިތަކެއް ކުރިމަތި ނުވާތީ ސަންޖޭ ވީހާވެސް އަވަހަކަށް ފަރުވާއަށް ފުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.